ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މި ޤައުމު ބިނާކުރުމުގައި އެންމެ ބޮޑު ގުރުބާނީއެއްވާ، އަމިއްލަ ދަރިންނަށް ވުރެ، އަމިއްލަ ދިރިއުޅުމަށްވުރެ ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރައްވަނީ މުދައްރިސުން ކަމަށެވެ.
އަދި ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީވެސް މުދައްރިސުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދިވެހިންނަކީ ތަޢުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށާއި އެގޮތުން ސްކޫލުތަކުގެ ޕޭރެންޓް ޓިޗަރސް އެސޯސިއޭޝަން (ޕީ.ޓީ.އޭ) އިން ބާއްވާ ބައްދަލުވުންތަކުން ވެސް ހާމަވެގެންދަނީ ދިވެހީންގެ މެދުގައި ތަޢުލީމަށް އޮންނަ ލޯބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މުދައްރިސުން ރެއާދުވާލު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭ ކަމަށެވެ.



