ޤައުމީ މަސްލަޙަތު ކުރިއަށް ނެރެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ތާރީހީ ނިންމުންތަކެއް ނިންމަވަމުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައިވަނީ މިއަދު ތަންފީޒު ކުރަން ފަށާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން އާއި ގުޅޭ ގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވަނީ، މި ނިންމެވުމަކީ ތާރީހީ އަދި ހިއްވަރުގަދަ ނިއްމުމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ ރައީސް މުޢިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ޤައުމަކަށް ސިއްޙީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެ ޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، ތަރައްޤީގެ ގޮތުން ކުރި އަރާ ދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ދުރަށް ވިސްނާ، އާންމު މަންފާ އިސްކޮށް، ޤައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށްވާން ވާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރެއްވީ މި އަހަރުގެ މެއި މަހުގައެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ.



