ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިންގ ނިޒާމެއް ތަޢާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ހަނިމާދޫގައި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ޤާއިމްކުރި ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ސާފު ކަނޑުތަކާއި ނާޒުކު ވެއްޓަށް ތިމާވެށި ހީނަރުވުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ ގޭބިސީތަކުން އެކަނިވެސް އަހަރަކު 3 މިލިޔަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާކަމަށެވެ. އަދި މި ކޮތަޅުތައް މުޅިން ފަނާވުމަށް 20 އަހަރު ހޭދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
”ސައިންޓިފިކް ދިރާސާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ކަންބޮޑުވުން އުފެދޭ ހަގީގަތެއް ޢިލްމީގޮތުން މިވަނީ ކަށަވަރުކޮށްދީފަ. އެއީ މައިކްރޯޕްލާސްޓިކް ކުނޑިތައް އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގައާއި ލޭގެ ނިޒާމުގައި ދައުރުވާކަމުގެ ހެކިތައް. މި ނުރައްކާތެރި މާއްދާތައް އިންސާނުންގެ ހަށިގަނޑަށް ވަންނަނީ ނޭވާލާ ނިޒާމުގެ ޒަރީޢާއިންނާއި، ކާނާއިންނާއި، ބޯފެން މެދުވެރިކޮށް، މިއީ ދުޅަހެޔޮ ޞިއްޙަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް“ މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ހައްލުތަކަކީ މުޖުތަމަޢުގެ ޢަމަލީ ދިރިއުޅުމާ ގުޅިލާމެހިފައިވާ ހައްލުތަކަކަށް ވާން ކޮންމެހެން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި މަރުކަޒަކީ އަމަލީ އީޖާދީ ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެއްކަމަށް ވެސް ވިދާޅުވިއެވެ. މިތަނުން އުފައްދާ ބަޔޯޕްލާސްޓިކް ކޮތަޅުތަކަކީ އާންމު ޕްލާސްޓިކް ކޮތަޅުތަކެކޭ އެއްފަދައިން ބޭނުންކުރެވޭ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވާއިރު މި ކޮތަޅުތަކުގެ ޚާއްޞަކަމަކީ ތިމާވެށްޓާ ރައްޓެހި، ގުދުރަތީގޮތުން މުޅިން ފަނާވެދާނެ ބާވަތެއްގެ ތަކެތި ކަމުގައިވުންކަމަށް ވިދާޅުވިއެވެ.



