އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށި ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒުގެ އަބުރަށް އެރިކަމަށް ބުނެ ސިވިލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން އޭނާގއ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ެއުމައިރުގެ އަބުރަށް އަރައިގަތް ކަމުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މަންދީގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށް ގެއްލުމުގެ ބަދަލު ނެގޭނެ ކަމަށެވެ.
އެ މައްސަލަ ބާތިލްކޮށްދިނުމަށް އެދި މަންދީގެ ފަރާތުން ސިވިލް ކޯޓަށް އަލުން ހުށަހެޅި އެވެ. އެއީ މަދަނީ އިޖުރާއަތުގެ ގާނޫނުން، ގައިރު ހާޒިރުގައި ކުރާ ހުކުމެއް މުރާޖައާކުރުމަށް ހުކުމް ނިސްބަތްވާ ފަރާތަށް ލިބިގެންވާ ހައްގެކެވެ.
ނަަމަވެސް މި މައްސަލައަށް މަންދީ ހާޒިރުނުވުމުން ކޯޓުން ވަނީ އެ މައްސަލަ މިހާރު ބޭރުކޮށްލާފައެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމުގައިވަނީ، އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބެއް އޮވެ އަދި އެ ސަބަބު ކޯޓަށް ކުރިއާލާ އެންގުމަކާ ނުލާ ގަޑިއަށް ހާޒިރުނުވުމުން މައްސަލަ ބާތިލްކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އެ އިހުތިޔާރު ކޯޓަށް ލިބޭކަން، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.




