ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި އައްޑަނަ އެރުވުން އޮންނާނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އެ ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ރައީސް މުޢިއްޒު ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.
އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.




