ބޯހިޔާވަހިކަމުގެ ބިލަށް ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކުރުމަށްފަހު އިސްލާހު ގެންނަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުންތަކުގައި އެ ކޮމިޓީން ވަނީ އާންމުނާއި އިދާރާތަކުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ހިޔާލުތައް ހިމަނައިގެން ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ނިންމާފައެވެ.
މިގޮތަށް ނިންމާފައި ވަނީ އެ ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ އެ ބިލަށް ހައުސިން މިނިސްޓްރީން ވެސް ހިޔާލު ހުށަހަޅަން ނިންމާފައިވާ ކަމަށާއި މިނިސްޓްރީން ހުށަހަޅާ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ ބިލަށް ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކޮށް އިސްލާހުތައް ގެނެސް ނިންމައި ކޮމިޓީން ބިލު ފާސްކުރުމަށް ފަހު އަންނަ ހަފުތާގައި ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްދުކުރާ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.




