މިއަހަރުގެ ނަސްރުގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް، ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސް ނަމާދާއެކު ފެށިއްޖެއެވެ.
އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ އިތުރުން ދައުލަތުގެ މިނިސްޓަރުންނާއި އިސްވެރިން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ނަމާދުގައި ބައިވެރިވިއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހެނދުނު ވަނީ، 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުންވެސް ކުރިއަށް ގެންގޮސްފައެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒުގައެވެ.
މީގެއިތުރުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ހުނަރުތައް ދައްކާލުމުގެ ހަރަކާތެއްވެސް މިއަދު ހަވީރު އޮންނާނެއެވެ. މިހަރަކާތުގައި ނިރުބަވެރި ހަމަލާއެއް ކުރިމަތިވުމުން އެކަން ނާކާމިޔާބުކޮށްލުމަށް ދިވެހި ސިފައިން ކުރާ މަސައްކަތް ދައްކުވައިދޭނެއެވެ.
ނަސްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެގެން ދިވެވި 7 ޚާއިނަކާއި ޝްރީ ލަންކާގެ ތަމަޅަ ޓައިގަރުން ގުޅިގެން ރާއްޖެއަށް ދިން ނިރުބަވެރި ހަމަލާއިން ރާއްޖެއާއި ދިވެހި ސިފައިންނަށް ނަސްރު ލިބުނު ދުވަހެވެ. ތަމަޅަ ޓައިގަރުން އެ ދުވަހު ދިން ހަމަލާގައި 19 ދިވެހީން ޝަހީދުވިއެވެ.



