މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މިއަދު ހެނދުނު ގޮތުން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކޮށްފިއެވެ.
މިކަމަަަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ މިނިސްޓަރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮވެމްބަރ 3 ގެ ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވެއެވެ. މި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.
މި ރަސްމިއްޔާތުގައިވަނީ ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި 7 ބަޑީގެ ސަލާމެއްވެސްވަނީ އަރުވާފައެވެ. ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.

މި ހަނދާނީ ބިނާއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު، ޤައުމުގެ ދިފާޢުގައި ސިފައިން ވެފައިވާ އަގުނުކުރެވޭ ގުރުބާނީގެ ޒިކުރާ އައުކުރުމަށް ޤާއިމްކޮށްފައިވާ ބިނާއެކެވެ. މިބިނާ ފަރުމާކޮށްފައިވަނީ ސިފައިންގެ މައިމަރުކަޒަށް ޓެރަރިސްޓުން ވަނުމަށްޓަކައި ފާރުގޮއްވާލާ ފޫއަޅުވާލި ބާގަނޑު ނަކަލުކޮށްދޭ ގޮތަށެވެ. މިބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނަ ރަމްޒްކޮށްދެނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ.

އައްޑަނައިގެ ވަށައިގެން ލިޔެފައިވާ ލިޔުމަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް ހުރި ދަރުމައިގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ އާޔަތާއި އެއާޔަތުގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުން ރަމްޒަކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަޤީދާއިން ހިތްވަރު ލިބި ދީނާއި ޤައުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއްވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމެވެ. އަދި ބިނާގެ ދެފަރާތުގައި ފަރުމާކޮށްފައިވާ 8 މާބޮނޑި ރަމްޒްކޮށްދެނީ 3 ނޮވެންބަރުގައި ޝަހީދުވި ސިފައިންގެ މަތިވެރި ގުރުބާނީއާއި މަތިވެރި ޒިކުރާއެވެ.
މި ބިނާ ހުންނަނީ ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައެވެ. މިތަން ޤާއިމުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތެއް ބާއްވައެވެ.
ނަސްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެގެން ދިވެވި 7 ޚާއިނަކާއި ޝްރީ ލަންކާގެ ތަމަޅަ ޓައިގަރުން ގުޅިގެން ރާއްޖެއަށް ދިން ނިރުބަވެރި ހަމަލާއިން ރާއްޖެއާއި ދިވެހި ސިފައިންނަށް ނަސްރު ލިބުނު ދުވަހެވެ. ތަމަޅަ ޓައިގަރުން އެ ދުވަހު ދިން ހަމަލާގައި 19 ދިވެހީން ޝަހީދުވިއެވެ.



