ހ. މެރިހާނާ، ޝަހީދު ޢަބްދުއްސައްތާރު އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ގައި ދިން ޢުދުވާނީ ހަމަލާގައި ދުޝްމަނުން އެންމެ ރަހުމުކުޑަކޮށް ބަޑިޖަހައި ޝަހީދުކޮށްލި އެއް ޝަހީދެވެ.
ދިވެހި ތަރީޚުގެ ގިނަ ވާހަކަތަކެއް އަބަދުވެސް ކިޔައިދެމުުންގެންދާ ލިޔުންތެރިޔާ ޢަބްދުﷲ ސައީދު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ، ޢަބްދުއްސައްތާރު ޝަހީދުކޮށްލީ ދުޝްމަނުން ރާވައިގެން އައި ރޭވުން ނާކާމިޔާބުވުމުން މާލޭގެ ބަނދަރުގައި އޮތް ޕްރޮގްރެސްލައިޓް ކިޔާ އާގު ބޯޓެއް ކަނޑުފޭރިގެން އެ ބޯޓުގައި ފިލައިގެންދިއުމަށް ކުރި މަސައްކަތުގެ ތެރޭގައި ކަމަށެވެ.
ޝަހީދު ޢަބްދުއްސައްތާރު އާދަމު ޝަހީދުކޮށްލީ އެ ބޯޓުގައި ރަހީނެއްގެ ގޮތުގައި މާލެއިން ގެންގޮސް ކަނު ބަނުމަށްފަހު ބޮލަށް ބަޑިޖަހައިގެން ކަމުގައި ސައީދު ކިޔައިދެއްވާފައިވެއެވެ.
މި އަނިޔާވެރި އަދި ލާއިންސާނީ ޢަމަލު ނިރުބަވެރީން ހިންގީ ދުޝްމަނުން ގެންދިޔަ އެހެން ރަހީނުންގެ ކުރިމަތީގައި އެ މީހުންނަށް ފެންނަގޮތަށެވެ. އެހެންކަމުން ޢަބްދުއްސައްތާރު އާދަމު ޝަހީދުކޮށްލި ޤާޠިލަކީ ކާކުކަމާއި އެކަމުގައި ބައިވެރިވި މީހުންނަކީ ކޮން ބައެއްކަން ތަޙުޤީޤުން ވެސް ވަނީ އެނގިފައެވެ. އަދި ޝަރީޢަތަށް މި ކުށްވެރިންގެ ކުށްތައް ވަނީ ސާބިތުވެފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގި ޝަރީޢަތުގެ މަޖިލިހުގައި ޝަހީދު ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލި ކުށްވެރިޔާ ވަނީ އެ ކުށަށް އިޢުތިރާފު ވެސް ވެފައެވެ.

އެގޮތުން ޝަހީދު ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލި ނިރުބަވެރިޔަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާދިން ތަމަޅަ ޓައިގަރުންގެ އެއް ގުރޫޕުގެ ލީޑަރަކަށް ހުރި ސިވަމް އެވެ. އޭނާގެ އަސްލު ނަމަކީ ޕަރްމޭޝްވަރަން އެވެ. އޭނާއަކީ ސިފައިންގެ ހުޅަނގު ދެކުނުކަން ގޮއްވާލައި އެ ބާގަނޑުން ސިފައިންގެއަށް ވަދެގަތުމަށް ހަމަޖައްސާފައިވާ ގުރޫޕޫގެ ލީޑަރެވެ.
މާލެއަށް ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލާ ދުޝްމަނުން ދޭން ފެށިއިރު ޝަހީދު ޢަބްދުއްސައްތާރު އާދަމް ހުންނެވީ މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. އޭނާއަކީ ނިރުބަވެރިން އެ ހަމަލާދިން ރޭ ޑިއުޓީގައި ހުންނެވި އިސްލާމީ މަރުކަޒުގެ ވޮޗަރެވެ. އޭރު އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުގެ ބަންގީގެ ކުރިއަށް މިސްކިތަށް ދުރުވެ ތިއްބެވި އިތުރު ދެތިން ބޭކަލަކު ވެސް ތިއްބެވެ. އެ ބޭކަލުންނާއެކު ފަތިސްނަމާދު ކުރައްވައިގެން ބަޑީގެ އަޑުފައްގަނޑު ގަދަކަމުންނާއި އެ ސަރަޙައްދުގައި ދުޝްމަނުންގެ ހަރަކާތްތައް ހުރިގޮތުން މިސްކިތުން ނުފޭބިފައި މިސްކިތުގެ އެތެރޭގައި ފިއްލަވައިގެން އެ ބޭކަލުން ތިއްބެވިކަމަށް ސައީދު ލިޔުއްވާފައިވެއެވެ.
އެދުވަހު ޢަޞްރު ވަގުތު ވީ ވެސް އެ ބޭކަލުން ފިލައި ތިއްބަވަނިކޮށެވެ. އޭރު ބަޑީގެ އަޑު އިހުނަށްވުރެ އޮތީ މަޑުވެފައެވެ. އަދި އިސްލާމީ މަރުކަޒު ތެރެއިން ބަޑީގެ އެއްވެސް އަޑެއް އޭރު ނީވެއެވެ.
އެހެންކަމުން އިސްލާމީ މަރުކަޒުގެ އެތެރޭގައި ދުޝްމަނުން ނެތްކަމަށް ބަލައްވައި އެ ބޭކަލުން ނިންވެމީ އިސްލާމީ މަރުކަޒުން ބޭރަށް ނިކުންނެވުމަށެވެ. އޭރު އެ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ތިއްބެވީ ވަރަށް ބޮޑަށް ބަނޑުހައިވެ ވަރުބަލިވެސް ވެފައެވެ.
އެ ބޭކަލުން މަޝްވަރާ ކުރައްވައި އިސްލާމީ މަރުކަޒުން ނިކުންނެވުނީ ދުޝްމަނުންގެ ކުރިމައްޗަށެވެ. އޭރު ދުޝްމަނުން ވަނީ ޕްރޮގްރެސްލައިޓް ކަނޑުފޭރިފައެވެ. އަދި ދުޝްމަނުން އެވަގުތު ދިޔައީ ރަހީނުކޮށްގެން މާލެއިން ގެންދާނެ ބަޔަކު އަތުލައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. އިސްލާމީ މަރުކަޒުން ނިކުންނެވި ބޭކަލުން ފެނުމާ އެކު ދުޝްމަނުން ބަޑިން ބިރުދައްކައިގެން އެ ދުވަހުގެ ހަވީރު 4:30 ހާއިރު އެ ބޭކަލުން ރަހީނުކުރިއެވެ. އަދި އެ ދުވަހު އިރުއޮއްސެމުން ދަނިކޮށް ގާތްގަނޑަކަށް 5:45 ހާއިރު އެހެން ރަހީނުންނާއެކު އެ ބޭކަލުން ވެސް ޕްރޮގްރެސްލައިޓަށް ގަދަކަމުން ގެންދިޔައެވެ.
ދުޝްމަނުން ފިލައިގެންދާން މަސައްކަތްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ތިބި ދުޝްމަނުންނަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ގޯދާވަރީ އެ ބޯޓުގެ ފަހަތުން އަންނަތަން ނޮވެންބަރު 4 ވަނަ ދުވަހުގެ 11:30 ހާއިރު ފެންނަން ފެށިއެވެ. އަދި ސެޓްމެދުވެރިކޮށް ގޯދާވަރީން ޕްރޮގްރެސްލައިޓާ ވާހަކަ ދައްކަބްފެށިއެވެ.
ދުޝްމަނުން އަމާންދީ ރަހީނުން ހަވާލުކުރުމަށް ނަސޭހަތްދީ، އިންޒާރު ދެމުން ގެންދިޔައެވެ. ނަމަވެސް ދުޝްމަނުން ބުނަމުން ދިޔައީ އަމާން ނުދޭނެކަމަށާއި އެ ބޯޓާ މަނަވަރު ކައިރިކުރާނަމަ ރަހީނުން މަރަމުން ގެންދާނެކަމަށެވެ.
ނޮވެންބަރު 5 ވަނަ ދުވަހު ގޯދާވަރީން ޕްރޮގްރެސްލައިޓާ ކައިރިކޮށް ހަމަލާދޭން ފެށިއެވެ. ގޯދާވަރީން ބަޑިޖަހަން ފެށުމުން ދުޝްމަނުން ސ. ހިތަދޫ އޯކިޑުމާގޭ ޝަހީދު އަޙްމަދު ލަބީބު ޝަހީދުކޮށްލުމަށްފަހު ކަނޑަށް އެއްލާލިއެވެ. ރަހީނަކު ޝަހީދުކޮށްލައި ކަނޑަށް އެއްލާލި ވާހަކަ ދުޝްމަނުން ގޯދާވަރީއަށް އެންގިޔަސް ލައިފްޖެކެޓް ނާޅުވާ އޮތުމުން ޕްރޮގްރެސްލައިޓުގެ ފަހަތުން ދުއްވަމުން އައި ގޯދާވަރީއަކަށް ޝަހީދު އަޙްމަދު ލަބީބުގެ ހަށިގަނޑެއް ނުފެނުނެވެ. އެހެންކަމުން ގޯދާވަރީން ދިޔައީ އިންޒާރު ދީ، ހަމަލާދެމުންނެވެ. ގޯދާވަރީއަށް ޝަހީދު އަޙްމަދު ލަބީބުގެ ހަށިގަނޑު ނުފެނުނުކަން ދުޝްމަނުންނަށް އެނގުމުން އިތުރު ރަހީނަކު މަރާލުމަށް ދުޝްމަނުން ނިންމިއެވެ. އޭރު އިރު އޮއްސުމާ ކައިރިވީއެވެ. ޕްރޮގްރެސްލައިޓްގެ ވީލްހައުސްމަތީގައި އިންސާނީ އައްޑަނައިގެ ގޮތުގައި ރަހީނުން ބައިތިއްބައިގެން އެ މީހުންގެ ފަހަތުގައި ދުޝްމަނުން ތިބެގެން ގޯދާވަރީއަށް އެ މީހުން ދިޔައީ ހަމަލާދޭން މަސައްކަތް ކުރަމުންނެވެ.
ވީލްހައުސްމަތީގައި ބައިތިއްބާފައި ތިބި، ރަހީނުންގެ ތެރޭގައި ހުންނެވި ޝަހީދު ޢަބްދުއްސައްތާރު އެތަނުން ބާލައިގެން ޑެކްމައްޗަށް ގެންދިޔައީ ދުޝްމަނުންގެ އިސް މީހަކަށް އުޅުނު ޕާޕާއެވެ. ޑެކްމައްޗަށް ގެންގޮސް، ލައިފްޖެކެޓް އަޅުވައި ކަނުބަނެވެ. ކަނުބަނީ ދުޝްމަނުން މާލެއިން ރަހީނެއްގެ ގޮތުގައި ގެންދިޔަ ސްވިޒަރލޭންޑްގެ ރައްޔިތެއްކަމަށްވާ ޕީޓަރ ގެ ގަމީސް އަތުލައި އެ ގަމީހުންނެވެ. ކަނުބަނުބަނުމުން، ވީލްހައުސްތެރެއިން ދުޝްމަނުންގެ އިސް މީހެއްކަމަށްވާ ބާބޫ ނިކުމެ ޝަހީދު ޢަބްދުއްސައްތާރު އާދަމްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލުމަށް އެންގިއެވެ. އޭރު ޝަހީދު ޢަބްދުއްސައްތާރު އާދަމްގެ ކައިރީގައި ތިބީ ސިވަމް އާއި ޗިންނަޝަންކަރާ ދެ މީހުންނެވެ. އޭގެ ތެރެއިން ސިވަމްގެ އަތުގައި އޮތް އޭކޭ 47 ގެ ބަޑިނަގައި ޝަހީދު ޢަބްދުއްސައްޠާރު އާދަމްގެ ބޮލުގެ ފުއްކިބައިގައި ޖައްސައި ޖެހި ބަޑިއާއެކު ލޭތައް ބުރައިގެން ދިޔައެވެ. އަދި ޝަހީދުވެގެން ޑެކްމައްޗަށް ވެއްޓުނެވެ. އެ ހިނދު ޑެކްމަތީގައި ލޭ ކޯރު ދެމިގަތެވެ. މި ބިރުވެރި އަދި ހިތްދަތި އަދި އަނިޔާވެރި ޢަމަލު ދުޝްމަނުން ހިންގީ ވީލްހައުސް މަތީގައި ތިބި ރަހީނުންގެ ކުރިމަތީގައެވެ. އެ މަންޒަރު ފެނުނު ގިނަ މީހުންނަށް އަޑުންއަޑުނަގައި ރޮއިގަނެވުނެވެ. ފައިކޮޅުން ވާގިދޫވިއެވެ. ގިނަ ބޭކަލުން ގެންދެވީ ޝަހާދަތުގެ ދެކަލިމަކިޔުއްވަމުންނެވެ.
ބަޑިޖަހައި ޝަހީދު ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލުމުން ވީލްހައުސްތެރެއިން ޕާޕާ ނިކުމެ ޝަހީދު ޢަބްދުއްސައްތާރު އާދަމްގެ ހަށިގަނޑު ކަނޑައަށް އެއްލާލުމަށް އެންގިއެވެ. ހަށިގަނޑު ކަނޑަށް އެއްލާލީ ސިވަމް އާއި ޗިންނަޝަންކަރާ ދެމީހުންނެވެ.
ޝަހީދު ޢަބްދުއްސައްތާރު އާދަމް ޝަހީދުވީ އިރު އުމުރަކީ 49 އަހަރެވެ. ޝަހީދުވީ އިރު 5 ދަރީންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ. ޝަހީދު ޢަބްދުއްސައްތާރު އާދަމަކީ އޭނާގެ ޒުވާން ދުވަސްވަރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި ސިފައިންގެ ބޭކަލެކެވެ.
ޝަހީދު ޢަބްދުއްސައްތާރު އާދަމާއި، ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެދިޔަ ހުރިހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން



