ނޮވެމްބަރ 3، 1988 ގައި ދިވެހީންގެ ޚާއިނުންތަކަކާއި ތަމަޅަ ޓައިގަރުންގެ ނިރުބަވެރިންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެދުވަހު ޝަހީދުވީ މީހުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް ދީފިއެވެ.
އެ ހަމަލާގައި ސިފައިންގެ 8 ބޭފުޅަކާއި އާންމުންގެ 11 މީހަކު ވަނީ ޝަހީދުވެފައެވެ.
ޝަހީދުވީ މީހުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވާފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި، ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެ ދުވަހުގެ ހަމަލާގެ ޝަހީދުންގެ އާއިލާތަކަށް އައްޑަނަ އަރުވާފައިވަނީ، އެ ޝަހީދުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަށްވެސް ވަނީ ނޮވެމްބަރު 3ގެ ޝަރަފުގައި ޚާއްސަ އައްޑަނައެއް އަރުވާފައެވެ.
އެމަނިކުފާނަށް އެ އައްޑަނަ އަރުވާފައިވަނީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ.



