ޤައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި ގާފިލުވެގެން ބަޔަކު ތިބިކަމަށްވާނަމަ، މި ޒަމާނުގައި ވަރަށް ފަސޭހައިން މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގައި ޤައުމުތައް އަޅުވެތިކުރަން ނުކުންނަނީ ހަތިޔާރު ހިފައިގެން ކަމުގައިވިޔަސް، ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެ ކަމަށް ހަތިޔާރު ބޭނުންކުރަން ނުޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި ތިބި ބައެއްކަން، އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބައެއްކަން، މި އެއްބައިވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން ކުރަން ޖެހޭ ކަމެއް ނޫން، މިއަދު މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ގޮސްދާނެ އަޅުގަނޑުމެން ގާފިލުވެ ތިބިއްޔާ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިއަދު އެންމެ ބޮޑު ހަތިޔާރަކީ ފިކުރު ކަމަށާއި މިއަދު މިނިވަންކަމާ ހަނގުރާމަ ކުރަން ޖެހެނީ ސިކުނޑި އާއި ކޮންމެ މީހަކު ވެސް ހިޔާލުފާޅުކުރަން ބޭނުންކުރާ ފޯނު ފަދަ އިލެކްޓްރޯނިކް މީޑިއަމްތަކުން ކަމަށެވެ.
އެހެންކަމުން މިއަދު ޔުނީފޯމު އެޅި ހިދުމަތްތެރިންގެ އިތުރުން ކޮންމެ ފަރުދަކަށް ވެސް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޒިންމާއެއް އެބަ އޮތް ކަމަށާއި އެއީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކޮށް، ޤައުމާ އެއްކޮޅަށް ކޮންމެ މީހަކު ވެސް ވިސްނުންކަން ރައީސް ފާހަގަކުރެއްވިއެވެ.



