ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ދެ މުވައްޒަފުގެ އާއިލާއަށް އެމްޕީއެލް އިން ތައުޒިޔާ ފޮނުވައިފިއެވެ.
އެމްޕީއެލް އިން މިއަދު ބުނީ މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފުން ނިޔާވެފައިވާ ކަމަށެވެ.
އެމްޕީއެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން 32އ ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ނިޔާވެފައި ކަމަށާއި މަސޫދު ވަނީ އެ ކުންފުނީގައި ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައި ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އަދި ސީރިއަސް އަނިޔާތަކެއް ކުރިމަތިވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް، އެ ކުންފުނީގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް އަބްދުالله ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެމްޕީއެލް އިން ބުނީ އަފްލާޙް 25އ އެ ކުންފުންޏާ ގުޅުނީ 2024 ވަނަ އަހަރު ޑިސެންބަރު މަހު ކަމަށެވެ.
އެ ކުންފުނިން ވަނީ މި ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ އާޢިލާއަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.
މީގެ އިތުރުން ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭގެ ތަހުޤީގެއް ފަށާފައިކަމަށްވެސް އެ ކުންފިނިން ހާމަކޮށްފައި ވެއެވެ.
އަދި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާއަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.




