ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 17ގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަނެއްގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ.
މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ކަމަށާއި އެ އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެފައި ވެެެއެވެ.
”އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައި“ ފުލުހުން އިއްޔެ ބުނެފައި ވެއެވެ.
އަދި އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ކުޑަކުމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެއްޗަށް ނައްސިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު ހިމެނޭ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ މާޔާ ބަޝީރުގެ މައްސަލަ ބަލައި، ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަަމަށް ދެންނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރަނގަޅުގޮތަކީ އެ ފުލުސް އޮފިސަރު ވަޒީފާއިން ސަސްޕެންޑްކޮށް، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް ކޮމާންޑުން ދަނީ ބަލަމުން ކަމަށެވެ.




