ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.
މި ގަރާރު ހުށަހަޅުއްވަނީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.
އެގޮތުން މާދަމާގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި މެންބަރު އައްބާސް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމާފައި ވާއިރު ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ވަނީ ގަވާއިދު ގެޒެޓުކޮށްފައެވެ.
އެ ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސްއެއްގެ ދަށުން ކަމަށް ބުނެފައި ވެއެވެ.
މި ލައިސަންސް ދޫކުރާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
މިނިސްޓްރީން ބުނީ އެ ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އެއްފަހަރާ ދޫކުރެވޭނީ ޖުމްލަ 40 (ސާޅީސް) ލައިސަންސު ކަމަށާއި އަދި ލައިސަންސް ދޫކުރާނީ، ލައިސަންސަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށެވެ.
މި ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގައި، ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.




