ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، 300 ކިލޯއަށް ވުރެ ގިނަ ޑްރަގު ބަރުކޮށްގެން ދިޔަ މަސް ބޯޓެއް އަވަށްޓެރި ޝްރީ ލަންކާއިން އަތުލައިގެންފިއެވެ.
މިކަމާ ބެހޭގޮތުން ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ، ”ސީދޭވީ“ ގެ ނަން ދީފައިވާ އެ ބޯޓުން މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮވެގެން ކަމަށެވެ.
އެގޮތުން މި ބޯޓުގެ މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި ޑްރަގާއެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ލަންކާ ފުލުހުން ބުނީ މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ ކަމަށެވެ. ނަމަވެސް މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެސް ވެރިފަރާތުން ބުނެފައިވެއެވެ.
އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެއެވެ.
އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.



