މި އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓަށް ބަހުސް ކުރުމަށް މިދިޔަ އަހަރުވެސް ކޮންމެ މެންބަރަކަށް ދީފައިވަނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރަން ހަތް މިނެޓު ދިން އިރު، މެންބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް ޖަވާބުދެއްވަން ދީފައިވަނީ 45 މިނެޓެވެ.
އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާންގެ މި ހުށަހެޅުން، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.



