އުނދަގޫވާގޮތަށް މާލޭގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ.
”އެކްސް“ ގައި މިކަން ހާމަކުރަމުން ފުލުހުން ބުނީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުޅަނދުތައް ޕާކްކުރާއިރު ކަފިހިހުރަސްތަކާއި، ލައިން ދަމާފައިވާ ސަރަހައްދުތަކާއި އަދި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދައިން ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ޕާކި ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކަރ ޖެހުމުގެ މަސައްކަތް ވެސް ފުލުހުން ކުރެއެވެ.



