އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލިފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މޭރީގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ލަމްހާ، ޝަރީއަތް ނިމެންދެން އަލުން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމާފައިމިވަނީ، އޭނާ ބަންދު ކުރަން ކުރިން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކު ވަގުތީ ގޮތުން އެ މައްސަލަ ބެލުމާ ހަވާލުވެ، އެފަދައިން މިއަދު ނިންމުމުންނެވެ.
މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.
އެގޮތުން ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. ދައުލަތުން އެފަހަރު މައްސަލަ އިސްތިއުނާފުކުރިއެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ލަމްހާގެ މައްސަލައިގައި ގާޒީ ފާއިޒް ކުރިން ވިދާޅުވީ، ލަމްހާ އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި މިއަދު އޭނާ އަލުން ބަންދު ކުރީ އެފަދަ އެސެސްމެންޓެއް ހަދައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައެއް ނުވެއެވެ.




