ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ދެ މަރްހޫމުންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ހަވީރު ހިނގި މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ވެގެން ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ / އަލީ އަފްލާހް އަބްދުﷲ (25އ.) އާއި ބަންގްލަދޭޝަށް ނިސްބަތްވާ އެމްޕީއެލްގެ އެހެން މުވައްޒަފެއް ކަމަށްވާ، އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައިދިން ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކަރެއްގެ ބެލެންސް ގެއްލިގެންނެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުހޫމުންގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
”މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އަދި މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން. މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކޮށް، މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އެ އެންމެން ސަލާމަތްކުރި ނަމަވެސް ހަ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. އަނިޔާވި މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.



