ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓް ސަރަހައްދުގައި ދިގު ކިއޫއެއް ހަދާފައިއޮތެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގެންފައި މި ވަނީ ފުވައްމުލަކާއި އައްޑު އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



