ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުވައްމުލައް ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން އެ ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
އެ ރަށުން ފެން ކެނޑުމުގެ މައްސަލައާއި، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި ރަމަޟާން މަހަށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
އަދި އެ ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާދަތިތައް ހައްލުކޮށްދެއްވުމަށް، މިހާރު އަޅަމުންދާ އިންޖީނުގެ އަވަހަށް ނިންމަވައި އެ އިމާރާތަށް އިންޖީނުގެ ބަދަލުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ފުވައްމުލަކުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް ޢިމާރާތަކީ އެ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް ޢިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު ޢިމާރާތަކަށްވާތީ، އެ ޢިމާރާތުގެ މަސައްކަތް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ހަމައެހެންމެ ފުވައްމުލަކަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީ.އެސް.ޓީ. އަދި ޓީ.ޖީ.އެސް.ޓީގެ ވަކި އިންސައްތައެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
އަދި އެ ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމް.އޭ.ސީ.އެލް އިން ކުރިއަށް ގެންދަވާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އެ ސިޓީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ކަމަށްވާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢާއި، ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި، އެތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ގެދޮރުގެ ދަތިކަމާއި ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ، މިއަދު ފުވައްމުލަކުގައި ޢަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ކައުންސިލުން ދެއްވަންޖެހޭ އެއްބާރުލެއްވުން ސަރުކާރަށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތަފްޞީލްދެއްވާފައެވެ.
އަދި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އެ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.




