ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އެޑެލްވައިސް އެއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެޑެލްވައިސް އެއާގެ ސްޓޭޝަން މެނޭޖަރު މަހްޖޫބް އަބްދުاللهގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލް އިން ބުނީ މިއަދުގެ ރަސްމިއްޔާތުގައި އެޑެލްވައިސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
.
ސްވިސް ލެއިޝާ އަދި ޗާޓާ އެއާލައިން, އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގައެވެ. އެގޮތުން މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ދުވަހެވެ.
އެޑެލްވައިސް އެއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 22 އަށް އިތުރުވެފައެވެ. އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.




