މިއަދު މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ވަރަށް މުހިންމު ބާބެއް ކަމަށާ، މިއަދު މި އެއްލޭ މުހިންމު ޞަފުޙާއަކީ ރައްޔިތުންގެ އުފާފަގަތިކަން ޙަޤީޤަތަކަށް ހެދުމުގެ އާ ޞަފުޙާއަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ސިޓީގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
މި ޔަޤީންކަން ރައީސް ދެއްވީ، ފުވައްމުލަކު ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ އެބރަސްމިއްޔާތުގައި ސޮއިކުރެއްވި 11 މަޝްރޫޢުއާއި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ފުވަމުއްލަކު ސިޓީގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުނުކަން ފާހަގަ ކުރައްވަމުން ރައީސް މުޢިއްޒު ވަނީ، ކާމިޔާބުކަމާއެކު މި މަޝްރޫޢުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ތަކުރާރު ކުރައްވައިފައެވެ.
މިކަންކަމަށް އަލިއަޅުވާލައްވަމުން، ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކުނީގެ މައްސަލައެވެ. ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާއިރު، މިއަދު މި ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިޢާޔަތްކުރެވި، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތް ފެއްޓެވި މަޝްރޫޢުގެ އިތުރުން، ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްޤީ ގެނެސްދެއްވުމުގެ މަޝްރޫޢެއްގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމާއި، ޓިވެޓްގެ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ފުވައްމުލަކު ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލެއްވީ، ޓަރޝަރީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ. ފުވައްމުލަކު ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި ޢަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެކަމުގައި ވިދާޅުވެފައެވެ. އޭގެ ކުރިންވެސް ބައެއް ޚިދުމަތްތައް ފައްޓަވާނެކަމަށާ، މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ޚިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ޕޭޝަންޓުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވާކަން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



