ހުޅުމާލޭ ބިންހިއްކާ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި އެޅުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ 3ވަނަ ފިޔަވަހީގެ ބިންހިއްކުން އަލުން ފެށުމަށް، ބިން ހިއްކަމުންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މިދިޔަ މަހުގެ 30ވަނަ ދުވަހު އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނާ އެއްގޮތަށް، ހުޅުމާލެ ފަޅުތެރެ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ޚާއްސަ ސަރަހައްދުރަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ބިންހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މި ހިނގާ ނޮވެމްބަރު މަހުގެ 6 ގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށްފަހު ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން، ތިރީގައިވާ ސަރަހައްދުތަކުގައި އެޅުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

1. ސަފާރީތައް އެޅުމަށް: ކ. ގުޅިފަޅާއި ކުޑަގިރި އަދި ތިލަފުށިގެ ފަޅުތެރެއިން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު

2. ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް: ކ. ގުޅިފަޅާއި ތިލަފުށި ތިލަފުށި ފަޅުތެރެއިން ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދު

މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.



