ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި އަނެއްކާވެސް ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ، ސްކޭމްކުރާ ބަޔަކު ފޮނުވާ މެސެޖެއްގެ ސްކްރީންޝޮޓެއް އާންމުކޮށްފައެވެ.
އެ މެސެޖުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމުލުމުގެ ފުރުސަތު ހުރިހާ ދިވެހީންނަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެ މެސެޖުގައިވަނީ ފޯމު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކެއް ވެސް ހިމަނައިފައެވެ.
ފުލުހުން ބުނީ އެއީ ފިޝިން ލިންކެއް ކަމަށާއި އެ ލިންކަށް ވަނުމުން، ސްކޭމަރުން އެ މީހެއްގެ ޖީމެއިލްއަށް ވަންނަ ކަމަށެވެ. އަދި މެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގެ އޯޓީޕީ ހޯދައި، ބޭންކް އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް ވަގުތުން ނަގާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ޝައްކު އުފެދޭ ލިންކްތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި ގެދޮރުވެރިޔާއާ ގުޅުންހުރި ރަސްމީ މުއާމަލާތްތައް ހަމައެކަނި ކުރެވޭނީ ގެދޮރުވެރިން ޕޯޓަލް އަދި ކަށަވަރުކޮށްފައިވާ ވެބްސައިޓުތަކުން ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ވަނީ، ބޭންކުތަކުންނާއި އެޗްޑީސީން އެއްވެސް މީހެއްގެ އޯޓީޕީ ނުވަތަ ޕާސްވޯޑް ނުހޯދާނެ ކަމަށް ބުނެފައެވެ. އަދި ޖީމެއިލްއާއި ބޭންކިން އެޕްތަކުގައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.



