ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިސްވެސްޓްކޮށްގެން ޓެކްސް ލުއިތަކެއް ދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެސްއީޒެޑް ގާނޫނަށް މިދިޔަ އޮކްޓޯމަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެއް ދުވަސް ތެރޭ މަސައްކަތް ނިންމައި، މިއަދުގެ ޖަލްސާގައި ތަޅުމަށް ފޮނުވާފައެވެ.
އެގޮތުން މި ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ، ދެމެހެއްޓެނިވި ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ބިލު، މަޖިލީހުން ފާސްކޮށްފައި ވަނީ، 46 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދިނީ، 10 މެންބަރުންނެވެ.



