އައްޑޫސިޓީ ހުޅުދޫއަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ފުވައްމުލަކަށާއި އައްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ ދެ ރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އަރިހުގައި މީދޫ ދާއިރާ މަޖްލިސް މެމްބަރު އަބްދުއް ރަހްމާން، ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދު، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މީދޫ ކައުންސިލްގެ ރައީސް އައިމިނަތު ސާލިހާ ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް އަދި ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.



