ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2025 ގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު، ހިޒް އެކްސެލެންސީ މެހެމެތު އާސޮއީއާ ބައްދަލުކުރައްވައި، ދެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާއި އައު ފުރުސަތުތަކާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ޑަބްލިއު.ޓީ.އެމް 2025 ގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އައު ކުރިއެރުންތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އައު ފުރުސަތުތައް ހޯދުމަށް ވަނީ މަގުފަހިކުރެވިފައެވެ.
ޑަބްލިއު.ޓީ.އެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް ކަމަށް ވާތީ، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ލަފާކުރެެއެވެ.
މީގެ އިތުރުން މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ އުންމީދުތަކެއް ގެނެސްދޭނެކަމަށް ވެސް މިނިސްޓްރީން އުއްމީދުކުރެއެވެ.




