ކުރިއަށް އޮތް އިންތިހާބުގައިވެސް މާލޭ ސިޓީގެ މޭޔަރުކަމުގައި ވާދަކުރައްވާނެކަމަށް މާލެ ސިޓީގެ މޭޔަރު ކަމުގައި މިހާރު ހުންނެވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިކަން ހާމަކުރައްވާފައި ވަނީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އާޒިމްގެ ޕޯސްޓުގައި ވަނީ ”އެމްޑީޕީ މޭޔަރު އާދަމް އާޒިމް 2026 ވާނެ ކުރާނެ“ ލިޔެފައިވާ މި ފަހަރުގެ ކެމްޕޭނު ޕޯސްޓަރު ހިއްސާކުރައްވާފައެވެ.
އާޒިމްގެ ޕޯސްޓުގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026ގައި އެމް.ޑީ.ޕީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި, މާތް اللهގެ ވާގިފުޅާއެކު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
”އެމް.ޑީ.ޕީގެ މާލެ ސިޓީއަށް ނިސްބަތްވާ ލޮބުވެތި މެމްބަރުންގެ މަޝްވަރާ އާއި ޚިޔާލާއެކު ކަންކަން ރާވާ ތަރުތީބު ކުރުމަށް، ރޭ ބޭއްވިގެން ދިޔައީ ވަރަށް ކާމިޔާބު، އުއްމީދީ ބައްދަލުވުމެއް“ އާޒިމް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ރަންރީނދޫ ލަޝްކަރު ތިބީ އެކުގައި ގަދަކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެންގެ ބައިވެރިވުމާއި އެހީތެރިކަމާއެކު، މާލެ ސިޓީ ފެންނަނީ ފަހި، ފެހި، ތަނަވަސް ޗާލުކޮށް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.



