ދިވެހިރާއްޖެެއަކީ އިޤްތިޞާދީގޮތުން ވިލުންތެރި، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިއުމަކީ އިޤްތިޞާދަށް އިންވެސްޓުކުރާނެ ފަރާތްތައް އިތުރުވާނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ޤައުމަކީ އަމާން ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ޤަބޫލުކުރެވިގެންކަމުގައި ވިދާޅުވިއެވެ.
އަދި އަޅުގަނޑުމެންގެ ލަޔާޤަތާއި ޤާބިލުކަން އެމަގުން ގާއިމުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މި ޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
”އެހެންވެއްޖެނަމަ އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުން“ ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ އިސްލާމީ ޢަރަބި ޤައުމުތަކުން ތަރައްޤީ ހާސިލުކުރާގޮތަށް ބަލާއިރު، މިއީ އެ ޤައުމުތަކުންވެސް ކަންކަން ކުރަމުންދިޔަ އަދި ކުރަމުންދާވެސް ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހިމާޔަތްކުރެވި، އިސްލާމީ ވަޙުދަތު ކަށަވަރުކުރެވި، އަޅުގަނޑުމެންގެ ޤައުމު އިޤްތިޞާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ އަސްކަރިއްޔާއެއް، ޤައުމީ ދިފާޢީ ބާރުގައި ޤާއިމުވެފައިވާ އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
އަދި އިންސާނީ ވަޞީލަތް ގާއިމުކުރުމުގެ ގޮތުން މި ކުރެވޭ ކަންކަމަކީވެސް އެގޮތަށް ކުރެވޭ ކަންކަން ކަމަށާއި މި މަރުކަޒުގައިވެސް ދާދި އަވަހަށް ޓްރެއިނިންގ ފެސިލިޓީ ގާއިމުކުރެވި، ތަމްރީނުތައް ފެށިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ގިރިފުށީގައިވެސް ބިންހިއްކުމާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިގޮތުން ގިރިފުށީގެ އިތުރަށް މާފިލާފުށީގެ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ހާމަކުރައްވައި ރައީސް ވަނީ ނޭޝަނަލް ސަރވިސް ޕްރޮގްރާމު ފެށި، އެ ޕްރޮގްރާމުގައި އަންނަ އަހަރު ބައިވެރިވާ ކުދިންގެ ޢަދަދު އެތައް ގުނައަކުން އިތުރުވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މާލޭގައި ހުރި އެކި މަރުކަޒުތަކުގައި ޢިމާރާތްތައް ގާއިމުކުރުންފަދަ ކަންކަމަށް، މިއަންނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި މިކަންކަން ކުރައްވަމުންގެންދަވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ބިނާކުރެވޭ، ގާއިމުކުރެވޭ، ވަރަށް މުހިންމު ކަންކަމުގެ ގޮތުގައި ޤަބޫލުފުޅުކުރެއްވޭތީ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިކަންކަން ކާމިޔާބުވެގެންދިއުން ވާނީ، ދިވެހިރާއްޖެ މިނިވަން، މުސްތަޤިއްލު، ތަރައްޤީ ހާސިލުވަމުންދާ، ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ކުރައްވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށް ކަމުގައި ވިދާޅުވެ ރައީސް ވަނީ، ދެހާސް ސާޅީސް ވަނަ އަހަރާއި ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހަމަ ޔަޤީނުންވެސް ޤައުމުގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެންކަމުގައި ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަންނަ އަހަރަކީ އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިންގަވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަކީ އަސްކަރިއްޔާގެ އެއަރ ކޯރއަށް އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމާއި އަދި އެފަދަ ގިނަ ކަންކަން ކުރައްވަން ރާއްވަވާފައިވާ އަހަރެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި ސައިބަރ ވޯފެއަރއަށް ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އީކޯސިސްޓަމެއް ގާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ހުރިހާ ގޮތަކުންވެސް ވަށާޖެހޭ މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް ޤައުމު ހިމާޔަތްކޮށް، ޤައުމު ދިފާޢުކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް، މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ތަނަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.




