ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންފައެވެ.
ރައީސް އެ ރިސޯޓަށް ވަޑައިގަތުމުން އެ ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްޞީލް އެ ރިސޯޓްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއާ މިއަދު ހިއްސާކުރައްވައިފައެވެ.
އެގޮތުން ރައީސް އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
މި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލް ވަނީ ހިއްސާކުރައްވާފައެވެ.
އޭގެ ތެރޭގައި ރިސޯޓްގެ ވޯޓަރ ވިލާތަކާއި،ރެސްޓޯރަންޓް ތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސްއަށް ދެއްވިއެވެ.
އަދި ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.
ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ޚާއްޞަ ޓުއަރ އެއް ދެއްވާފައެވެ.
މި ޓުއަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ. ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެއެވެ.



