އައްޑޫ ސިޓީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ލިބޭނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު މިރޭ ވިދާޅުވެއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ފުވައްމުލަކާއި އައްޑުއަށް މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫގެ މައި އަވަށް ހިތަދޫގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ކަރަންޓު މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށެވެ.
”އަޅުގަނޑު ޝައްކެއް ނުކުރަން، މި ދައުރުގެ ތެރޭގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމާ މެދު،“ މެންބަރު އަޒާން ވިދާޅުވިއެވެ.
މެންބަރު އަޒާން ދެއްކެވި ވާހަކައަށް ތާއީދުކުރައްވައި، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރާނެ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.




