ސަރުކާރުން ކޮންމެ މަޝްރޫއުއެއްވެސް ކުރިއަށްގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އަމިއްލަ ގިނަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނީ ނިޒާމުގެ ތެރެއިން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ އިޖުރާޢަތްތަކެއްވެސް ފުރިހަމަކޮށްގެން ކަމަށެވެ.
އެގޮތުން 53 ކުންފުންޏަކާ 123 ރަށެއްގެ މަޝްރޫޢުތައް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހަވާލުކުރެވިފައިވާއިރު މި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކުންފުނިތަކަށް އެއްވެސް ދައްޗެއް ނުވާނެގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މީގެކުރިން މަޝްރޫޢުތައް މަޑުޖެހިފައި ހުންނަނީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބިގެން ކަމަށާއި ނަމަވެސް އެކަންކަން މިހާރު ހައްލުކުރެވި އެއްބަސްވުމާ އެއްގޮތަށް ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމަށެވެ. އަދި މަޝްރޫޢުތަކަށް މާލީ ވުޒާރާއިންނާއި ބޭންކުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލްވާގޮތަށް ކަންކަން ކުރެވޭގޮތް ތަރުތީބުކޮށް، މިކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ފުރިހަމަ ނިޔަތުގައި ފުރިހަމަ އަޒުމުގައި މުޅި ސަރުކާރު ގުޅިގެން މި މަސައްކަތް ކުރިއަށް މިގެންދަނީ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އޮޑިޓްކޮށްފައިވާ 3 އަހަރު ދުވަހުގެ މާލީ ސްޓޭޓްމަންޓުތައް ހުށަހަޅައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މަޝްރޫޢުތައް މޮބިލައިޒް ކުރެވި ތަވާލާއެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



