އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަލަވާލާފައިވާ އައު ފައިނޭންސިންގް ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
މި ސްކީމްގެ ދަށުން ވިޔަފާރި އަލުން ފެށުމަަށް އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް އެސްޑީއެފްސީން ފައިނޭންސިންގް ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަަށް ފައިނޭންސިންގް ލިބޭނެ ކަމުގައި އެސްޑީއެފްސީން ބުނެފައިވެއެވެ.
މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް އެސްޑީއެފްސީން ބުނެފައިވެއެވެ.
އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގް ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު %9.5 އެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.




