ތ. ގުރައިދޫއާއި ތިމަރަފުށީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޑީއެންއާރުން ކުރި ޕޯސްޓުގައި ބުނީ އައިޑީ ކާޑުގެ ޚިދުމަތް ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުނެފައިވިއެވެ.
ޑީއެންއާރުން މީގެ ކުރިން ވަނީ ތ. އަތޮޅުގެ ވޭމަންޑޫއާއި ވިލުފުށީގައި އެ ހިދުމަތް ގާއިމުކޮށްފައެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޑީއެންއާރުން ވަނީ ބުނެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ.




