ކަށި މިޔަރު މަސްވެރިކަމުގެ ލައިސެންސް ލިބެނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަކަށްކަން ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ 1 ނޮވެމްބަރ އިން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ޤަވައިދުތަކާއި އުސޫލުތައް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީގެ، ފިޝަރީސް ކޮމްޕްލެއިންސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވިދާޅުވީ ކަށި މިޔަރުގެ މަސްވެރިކަމަށް މިހާރު ހުޅުވާލާފައިވާއިރު ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގައި އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، އެ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.
އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހާއްސަ ލައިސަންސްއެއް ދޫކުރާއިރު ލައިސަންސް 1 އަހަރަށް ދޫކުރިކަމުގައިވިއަސް މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 1އިން ޖެހިގެން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށްކަމަށް މަލީހާ ވިދާޅުވިއެވެ.
އަދި މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށް ކަމަށާއި އެއީ ކެޔޮޅު ޕޯޓަލްތެރެއިން އެންމެ ފުރަތަމަ މައުލޫމާތު ހުށައަޅާ ދޯނިތަކަށްކަމަށް މަލީހާ ވިދާޅުވިއެވެ.




