މާލެއިން މުދާ ބަރުކޮށްގެން 12 މީހުންނާއެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ”ފަހިރޯޅި“ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައިފިއެވެ.
ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި އެ ބޯޓު، ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ބޯޓުގައި ދަތުރުކުރި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައި ކަމަށާއި އެ ބޯޓުން ދަތުރުކުރީ ދިވެއްސަކާއި 5 ބިދޭސީންގެ އިތުރުން ބޯޓުގެ ވެރިފަރާތާއި ކެޕްޓަން އަދި 4 ބިދޭސީ ފަޅުވެރިން ހިމެނޭހެން 12 މީހުން ކަމުގައިވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.
މި ހާދިސާ ހިނގި ގޮތް މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




