ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށްޓާފައިވާ ”އޮޕަރޭޝަން ކުރަންގި“ގެ ދަށުން 188000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަން ”ކުރަނގި“ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މީހުން ދިރިއުޅޭ ހުރިހާ ޖަޒީރާތަކެއްގެ ޑޭޓާ އެއްކުރުމަށް ލޯކަލް ކައުންސިލްތަކަށް ވަސީލަތްތައް ގާއިމް ކުރަމުންދާއިރު، ރިސޯޓުތަކަށްވެސް ފުޅާކުރުމަށް މިދަނީ މަސައްކަތްކުރަމުން. 30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވޭ“ މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.



