އިދިކޮޅު އެމްޑީޕީން މިމަހުގެ 17 ގައި ބާއްވަން ނިންމި ބޮޑު އެއްވުން، އެހެން ދުވަހަކަށް ފަސް ކުރުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.
ނަމަވެސް އެމްޑީޕީގެ އެ އެއްވުން ދެން ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ކަންތައްތަކެއް ވަނީ ޑިމާންޑުކޮށްފައެވެ. އަދި އެ ކަންތައްތައް ނުފުއްދާނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް އެ ޕާޓީން ރޭގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެ އެއްވުން ފަސް ކުރުމަށެވެ.
އެއްވުން ފަސްކުރަން ނިންމާފައިވަނީ އެކަން އިންތިޒާނުކުރި ކޮމިޓީންނެވެ. ނަމަވެސް ދެން އެއްވުން ބާއްވާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ކުރީގެ ދެ މެންބަރަކާާ އެކު ޖުމްލަ 8 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ހަ މީހަކު ދޫކޮށްލީ، 15 ދުވަހު ޖަލުގައި ބޭއްވުމަށް ފަހު އެވެ.




