އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިވާ ޗެޓްބޮޓް، ޗެޓްޖީޕީޓީ، ގެ ސަބަބުން ބައެއް ޒުވާނުން އަމިއްލައަށް މަރުވުމާ ގުޅިގެން 7 އާއިލާއަކުން އޯޕަން އޭއައި ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެ އާއިލާތަކުން ދައުވާ ކޮށްފައިވަނީ އޯޕަންއޭއައިއިން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއް ނެތި، އަވަސް އަރުވާލައިގެން ޖީޕީޓީ-4އޯ މޮޑެލް ބާޒާރަށް ނެރުމުން، އެ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންތަކެއް އެމީހުންގެ ފުރާނަ އަމިއްލައަށް ނަގާލާފައިވާ ކަމަށެވެ.
އެގޮތުން އަމިއްލައަށް ފަރުވުމުގެ ކުރިން އެމީހުން ޗެޓްޖީޕީޓީއާ އެތައް ގަޑިއިރެއް ވަންދެން ވާހަކަ ދެއްކި ކަމަށާއި ނަފްސާނީ މައްސަލަތަކެއް ހުރި އެމީހުން އަމިއްލައަށް މަރުވާން ބޭނުންވާ ވާހަކަ ދެއްކި ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޖީޕީޓީން ވަނީ އެކަން ނުކުރުމަށް ނަސޭހަތް ދިނުމުގެ ބަދަލުގައި އެކަން ކުރުމަށް ހިތްވަރުދޭފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޒުވާނުން ވަނީ އޭގެފަހުން އަމިއްލަ ފުރާނަ ގެއްލުވާލާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އޯޕަންއޭއައިއިން ބުނީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ނާޒުކު ވާހަކަތަކަށް ޗެޓްޖީޕީޓީއިން ޖަވާބުދޭ ގޮތް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން މީގެ ކުރިން ނެރުނު ބްލޮގް ޕޯސްޓެއްގައި ވަނީ، ޗެޓްބޮޓާ އެކު ދިގުކޮށް ވާހަކަ ދައްކާ ހާލަތްތަކުގައި، މޮޑެލްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލިކަށިވެދާނެކަމަށް އެއްބަސްވެފައެވެ.
އޯޕަންއޭއައިގެ އަމިއްލަ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ކޮންމެ ހަފްތާއަކު އެއް މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލައަށް މަރުވުމާ ގުޅޭ ގޮތުން ޗެޓްޖީޕީޓީއާ ވާހަކަ ދައްކައެވެ.


