މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އޭސީސީގެ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ. ނަމަވެސް އެ މުއްދަތުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް ހާމައެއް ނުކުރެއެވެ.
އެގޮތުން އެ ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް އެންމެ ގިނައިން އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައި ވަނީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތަކެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 43 މައްސަލަ އާއި ދެވަނަ ކުއާޓަރުގައި 30 މައްސަލައެވެ.
ޕްރޮކިއުމެންޓާ ބެހޭ މައްސަލައިގެ އިތުރުން ދެން އެންމެ ގިނައީ ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކެވެ. ފުރަތަމަ ކުއާޓަރުގައި އެ ބާވަތުގެ 16 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ދެވަނަ ކުއާޓަރުގައި 14 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެއެވެ.
މީގެއިތުރުން ކުއްޔަށް ދޫކުރާ ބިންތަކާއި ތަކެއްޗާ ގުޅުން ހުރި ނުވަ މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ރަޖިސްޓްރީކުރި އިރު، ދެވަނަ ކުއާޓަރުގައި 13 މައްސަލަ ރަޖިސްޓަރީ ކޮށްފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި ވަޒީފާއާ ގުޅުން ހުރި ނުވަ މައްސަލައަކާއި ދެވަނަ ކުއާޓަރުގައި 8 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެއެވެ.




