ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ.
މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިއަދު ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ނައިޑޫ ރާއްޖެ ވަޑައިގެންފި ކަމަށެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަތީ، އިންޑިއާގެ ލޯނު އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.




