ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދަން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ފުލުހުންނާ މިއަދު މަޝްވަރާކޮށްފިއެވެ.
އެންއައިސީއަށް އާ މެންބަރުން އައްޔަނު ކުރި ފަހުން މިއީ އެ ކޮމިޝަނުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
އެގޮތުން ދެ އިދާރާގައި ވެސް މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނު ދޭންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށާއި އަދި ތަހުގީގު ކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވަން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރިކަން ހާމަކުރިއެވެ.



