ސްވިޑަންގެ އުފެއްދުމެއް ކަމަށްވާ ”ބެޓްރީ ޕަވާޑް ފްލޯޓިން ފެރީ ކެންޑެލާ-12“ ރާއްޖެއަށް ގެންނަން އުޅޭ ކަމަށް ކެންޑެލާ ކުންފުނިން އިއުލާންކޮށްފިއެވެ.
މިއީ ފެނުގެ މަތިން ދުއްވާ ހައިޑްރޯފޮއިލް ބޯޓުތަކެކެވެ.
އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ ”އިލެކްޓްރިވް“ ވެބްސައިޓުގައި އިއްޔެ ބުނީ، ހައިޑްރޯ ފޮއިލިން އިލެކްޓްރިކް ފެރީ ބޯޓުތަކެއް ކަމުގައިވާ ”ކެންޑެލާ ޕީ-12“ މޮޑެލްގެ 10 ބޯޓަކަށް، ރާއްޖޭގެ ޓުއާ އޮޕަރޭޓަރު ”އީގޯ ޝަޓުލް“އިން އޯޑަރު ދީފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން އަންނަ އަހަރުގައި މި ބޯޓުތައް ރާއްޖެ ގެންނާނެ ކަމަށް އިލެކްޓްރިވްއިން ބުންޏެވެ.
އެ ވެބްސައިޓުގައި ބުނެފައިވަނީ ރާއްޖޭގެ ރަށްރަށުގައި ދަތުރުކުރަން އެންމެ އެކަށޭނީ މިފަދަ އުފެއްދުން ކަމުގައެވެ.
އެގޮތުން ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ ޑީސަލް ތެލުގައި ދުއްވާ ބޯޓުފަހަރުގެ ދޯނިތަކުން މޭލަކަށް ގާތްގަނޑަކަށް ފަސް ލީޓަރު ނުވަތަ 1.3 ގެލަން ތެޔޮ އަންދާކަމަށް އިލެކްޓްރިވްއިން ބުނެފައިވެއެވެ.
މީގެއިތުރުނަ އިލެކްޓްރިވް އިން ބުނެފައިވަނީ، އީގޯ ޝަޓުލްއިން މި އުޅަނދު އޮޕަރޭޓްކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދުރު ސަރަހައްދުތަކުގައި އޮންނަ ރިޒޯޓްތަކާ ދެމެދުގައި ކަމަށެވެ.



