އަންނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އިރު ދަރަނީގެ ދެމެހެއްޓެނިވިކަން ކުޑަވެ، ކްރެޑިޓް ރޭޓިން ދަށްވެފައިވުމުން، ކޮންސެޝަލް ޓާމްސްގައި ނުވަތަ އެކަށީގެންވާ ދަށް އިންޓްރެސްޓް ރޭޓުތަކުގައި ބޭރުގެ ފަރާތްތަކުން އަދި ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، އަންނަ އަހަރު ޚަރަދު ކުރަން ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލިޔުމުން ދިން ލަފާގައި ބުނެފައިވަނީ، ބޭރުގެ ދަރަނި ދެއްކުމަށް ވަރަށް ބޮޑު ހޭދައެއް އެ އަހަރު ކުރަން ޖެހޭ އިރު، ދަރަނި ރިފައިނޭންސް ކުރުމަށް ބަޖެޓް ސަޕޯޓަށް ބޭރުގެ މާލީ ބާޒާރުން އަދި އެހެން ފަރާތްތަކުން ބޮޑެތި އަދަދުތަކެއް ދަރަނީގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ސަބަބުތަކާ ހެދި، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑުވާނެ ކަމަށް އެ ލަފާގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
ދަރަނީގެ އިންޓްރަސްޓް ހަރަދު ކުޑަކުރުމުގެ ގޮތުން، ބަޖެޓް ޑެފިސިޓްވާ މިންވަރު ކުޑަކޮށް، ދަރަނި ނަގަންޖެހޭ މިންވަރު ދަށްކުރަންޖެހޭ ކަމާއި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒުކޮށްގެން، ދަރަނީގެ ހިރާސްތައް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރަމެވެ،“ އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.


