މުޅި ދުނިޔެއަށް މަޝްހޫރު، އެމެރިކާގެ ކުރީގެ ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް ފިލްމުގެ ޓްރެއިލަރަށް 24 ގަޑިއިރު ތެރޭ 116 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.
”މައިކަލް“ ގެ ނަން ދީފައިވާ އެ ފިލްމުގެ ޓްރެއިލަރ ރިލީޒް ކޮށްފައިވަނީ މިދިޔ ހުކުރު ދުވަހުގައެވެ. އަދި ޓްރެއިލަރ ރިލީޒްވުމާއެކު 24 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ޓްރެއިލަރަށް ވަނީ 116 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ. މި ރިކޯޑާއެކު އެ ފިލްމުގެ ޓްރެއިލަރ މިހާރު ވެފައި ވަނީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކް ބަޔޮޕިކް ފިލްމު ނުވަތަ ކޮންސަރޓް ފިލްމެއްގެ ޓްރެއިލަރ އަށެވެ.
މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެފައިވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ޖެފަރ ޖެކްސަން އެވެ. މި ފިލްމު ޑައިރެކްޓު ކުރީ ”ދަ އީކުއެލައިޒާ“ގެ ފިލްމު ސީރީޒް ގެނެސްދިން އެންޓޮއިނީ ފުކުއާ އެވެ.
”މައިކަލް“ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގައެވެ.
މުޅި ދުނިޔެއަށް މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ނުވަތަ ”ކިންގް އޮފް ޕޮޕް“ މަރުވީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ކެލިފޯނިއާ ގައެވެ. އޭނާ މަރުވީ ޑްރަގް އޯވަރ ޑޯޒް ވެގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.



