ހދ. ހަނިމާދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްއަކާއި ޑޮލަރު ކައުންޓަރެއް ވެސް ގާއިމްކޮށްފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އަލުން ހެދި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރޭގައި އެ ރަށުގައި ބޭއްވި ކުލަގަދަ ޚަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެ ޚަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ޑޮލަރުގެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
”ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު، ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލު ވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން“ ޝަރީފު ވިދާޅުވިއެވެ.



