ފޮރިން ސެކްރެޓަރީއަކަށް އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަނު ކުރައްވައިފިއެވެ.
އިނާޔާ ވަނީ ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭނާ ފޮރިން ސެކްރެޓަރީއަކަށް އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ނަމަވެސް އޭގެ 5 މަސް ފަހުން މި އަހަރުގެ މެއި މަހު، އޭނާ ކުއްލި ގޮތަކަށް އެ މަގާމުން ވަކި ކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު އިނާޔާ ހަމަޖެއްސެވުމާ ހަމައަށް، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަނު ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ މަގާމު ހަ މަސް ދުވަސް ވަންދެން އޮތީ ހުސްކޮށެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.
ފޮރިން ސެކްރަޓަރީއަކަށް އައްޔަނު ކުރެއްވި އިނާޔާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ފޮރިން މިނިސްޓްރީއާ އަލުން ވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައެވެ.



