ރާއްޖެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން ޝްރީ ލަންކާގެ މަސްބޯޓާ ގުޅޭ ތަހުގީގެއް ހެދުމަށް އެ ޤައުމުގެ ފުލުހުންގެ ޚާއްސަ ޓީމެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.
ޑްރޯން ބޭނުން ކޮށްގެން ހޯދައި، މިދިޔަ ހުކުރު ދުވަހު އަތުލައިގަތް މަސް ބޯޓުގައި 300 ކިލޯގެ ޑްރަގް ހުރި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރި ފަހުން ރާއްޖޭގެ ސިފައިންނާއި ފުލުހުން ވެސް ވަނީ، އަތުލައިގަތް ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ލަންކާގެ ފުލުހުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އައީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އަދި އެ ޤައުމުގެ ނޭވީ (އެސްއެލްއެން) ގެ ޓީމެކެވެ.
ލަންކާއިން ދިން އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި ކަމަށް ބުނާ އޮޕަރޭޝަނުގައި އަތުލައިގަތް ބޯޓާއި ތަކެއްޗާއި އޭގައި ތިބި ފަސް މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ރޭގައި ވަނީ ބުނެފައެވެ.




