ހުޅުމާލެ ހޮސްޕިޓަލަށް 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެ ހޮސްޕިޓަލުން މަސައްކަތް ކޮށްފައިނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އާސަންދައިގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް 2020ވަނަ އަހަރު މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ދަށަށް ބަދަލުވި ނަމަވެސް، ބޭސްފިހާރަ ހިންގުމަށް 2017ވަނަ އަހަރުގެ ޖޫން މަހު ހެދި އެއްބަސްވުމާއި، ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ 20ވަނަ ދުވަހު ހެދި އެއްބަސްވުމާއި އެ ހޮސްޕިޓަލުގައި ކެންޓީނެއް ހިންގުމަށް އޭޕްރިލް 19، 2018ގައި ހެދި އެއްބަސްވުން ހުޅުމާލެ ހޮސްޕިޓަލުގެ މައްޗަށް ބަދަލުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ، ބޭސްފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިން ބައެއް ކުންފުންޏަކަށް ދިނީ އެއްވެސް އެއްބަސްވުމެއް އެކުލަވާނުލާ ކަމަށާއި، އެހެންކަމުން އޮޑިޓްކުރި ތާރީޚުކަމަށްވާ ޑިސެމްބަރު 18، 2022ގެ ނިޔަލަށް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ.
ހަމަ އެހެންމެ، ހުޅުމާލެ ހޮސްޕިޓަލުން ފާމަސީއާއި ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރި ބިންތަކުގެ ކުއްޔާއި އާމްދަނީގެ ހިއްސާ ގިނަ ދުވަސްވަންދެން ހޮސްޕިޓަލަށް ނުލިބޭ ކަމަށާއި، އެގޮތުން 2022ވަނަ އަހަރުގެ ނިޔަލަށް 1.74 މިލިއަން ރުފިޔާ ނުލިބިވާކަން ހޮސްޕިޓަލުގެ ލިޔެކިއުންތަކުން އެނގޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.




